ހޯދާ:
މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމުރާ ދަތުރެއް ދޭގޮތަށް ޤުރުއާން މުބާރާތެއް ބާއްވަނީ
24 ޖުލައި 2008 (ބުރާސްފަތި)
ނަސްރުﷲ އިދުރީސް

މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމުރާ ދަތުރެއް ދޭގޮތަށް އަލްމަރުހޫމް، އަލްހާފިޒު އެދުރުގޭ އަހުމަދު މުހައްމަދު ދީދީގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސާ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހާއްސަ މަޖިލީހުގެ ފުވައްމުލަކު މެންބަރު ފައިސަލް ނަސީމް ހަރަދު ކުރައްވައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުވައްމުލަކުގެ ބޮޑެތި ސްކޫލްތަކުން މިހާރު ލިބެން ހުންނާނެކަމަށް މުބާރާތް އިންތިޒާމު ކުރާ ކޮމިޓީގެ އިސް ބޭފުޅެއްކަމުގައިވާ މަންހަޖުލް ހުދާ ޕްރީ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް މުހައްމަދު ހަސަން ވިދާޅުވިއެވެ.

ހަތް އުމުރު ފުރައަކުން ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުސަތު މި މުބާރާތުގައި ހުޅުވާލާފައި ވެއެވެ. އަދި ހާފިޒުކަމުގެ ބާގައިވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސްކޫލް މަދަރުސާތަކަށާއި، ޤުރުއާން ކްލާސްތަކަށާއި، އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ. އަންނަ ރަމަޟާން މަހުގެ 17 ން، 25 ށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހެވެ.

ފުވައްމުލަކުގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ރިވެތިކޮށް ކިޔެވުމުގެ ރޫހު އާލާކޮށް ދިރުވުމުގެ  މަގުސަދުގައި ބާއްވާ މި މުބާރާތަކީ ގައުމީ ޤުރުއާން މުބާރާތަށް މިއަހަރު ފުވައްމުލަކުން މާލެ ދިޔަ ސްކޫލްތަކުގެ އޮފިޝަލުން ފައިސަލް ނަސީމާ ބައްދަލުކޮށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ބާއްވާ މުބާރާތެއްކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ. އަދި މިމުބާރާތަށް ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ތަރުހީބު ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ހާފިޒެއްކަމުގައިވާ އަލްމަރުހޫމް އަލްހާފިޒު އަލީ ޝަފީގުގެ ހަނދާނުގައި ރޯދަ މަހު ފުވައްމުލަކުގައި ޤުރުއާން މުބާރާތެއް ބާއްވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލައިފައެވެ. މުހައްމަދު ހަސަން ވިދާޅުވީ އަލްމަރުހޫމް، އަލްހާފިޒު އެދުރުގޭ އަހުމަދު މުހައްމަދު ދީދީގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތް ބާއްވަނީ އަލްހާފިޒު އަލީ ޝަފީގުގެ ޤުރުއާން މުބާރާތާ ފުށުނާރާގޮތަށް ކަމުގައެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް ސާޅީސް ހާސް ރުފިޔާ ހުށަހަޅައިގެން ފުޓްބޯޅަ މުބާރާތެއްވެސް ދާދިފަހުން ފައިސަލް ނަސީމުވަނީ ބާއްވަވައިފައެވެ.

 

ކިޔުންތެރިންގެ ޚިޔާލު ޖުމްލަ: 2 ޚިޔާލު
24 ޖުލައި 2008 (ބުރާސްފަތި) -ރޯނުއެދުރު
މުޅިން ކެމްޕެއިން ޔަޤީން
27 ޖުލައި 2008 (އާދީއްތަ) -ރައްޔިތެއް
ފައިސަލް ގެ އުމުރުން 19 އަހަރުން ފެށިގެން ރަށަށް ތިކޮށްދެއްވާ ކަންތައްތަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ.މެންބަރުކަމަށް ކުރިމަތި ލީވެސް އެތައް ބައެއްގެ އެދުމަށް ކަން އަޅުގަނޑުމެން ދެނަހުރީމެވެ.އަޅުގަނޑަށް ބުނެވެން އޮތީ ފައިސަލަކީ މަސީހު، ވަޖީހުމެން ފަދައިން މެމްބަރުކަން ބޭނުން ވީމަ ރައްޔިތުން ފެނިފަ ، މެމްބަރުކން ލިބުމުން ރައްޔިތުންނަށް ފެންކައްކާ ބޮލީގެ އިއްޒަތް ދޭމީހެއް ނޫން ކަމަށެވެ.އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އަބަދުވެސް ވާނީ ފައިސަލް އާއި އެކުގައެވެ.
ނަން
ޚިޔާލު
ޚިޔާލުގައި ހިމެނެން ބާކީ ހުރީ ކެރެކްޓާސް